×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

މައްސަލަ ބެލުމުގައި އަމަލުކުރާ އުސޫލުތައް

 • ↩ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް
  • އެއްވެސް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ، ނުވަތަ ބަލައި ނިމިފައިވާ މައްސަލައެއް ޓްރައިބިއުނަލް އިން ބަލައެއްނުގަނެވޭނެއެވެ.
  • ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ، ޓްރައިބިއުނަލުން އެކަމަކަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
  • ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި 2 ކޮޕީއާއި، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 ކޮޕީއާއި، ހެކި ހުށަހަޅަން ވާނެއެވެ.
  • ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ އެއް ޙަޤީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލައެއްކަމަށް ވާނަމަ، އެއްފަރާތަށްވުރެ ގިނަފަރާތްތަކުންވެސް އެއް ފޯމަކުން މައްސަލަ ހުށަހެޅިދާނެއެވެ.

 • ↩ މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދިނުން
  • ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަށް، މައްސަލަ ރައްދުވާ ފަރާތުން ޖަވާބު ދޭންވާނީ އެކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ ފޯމުންނެވެ.

 • ↩ ވަގުތީ އަމުރު
  • ޓްރައިބިއުނަލުން މައްސަލަ ބަލަމުންދާއިރު، ވަގުތީ ޢަމުރެއް ނެރެން ޖެހިއްޖެކަމަށް ފެނިއްޖެނަމަ އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތަށް ލިބިގެންވެއެވެ. ވަގުތީ ޢަމުރެއް ނެރޭނީ، އެ ޢަމުރެއް ނުނެރިއްޖެނަމަ ނިކުމެދާނެ ނަތީޖާ އަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

 • ↩ މައްސަލަ ބާޠިލުކުރުން
  • ޓްރައިބިއުނަލަށް މައްސަލަ ބަލައިގަތުމަށްފަހު، މައްސަލަ ހުށަހެޅިފަރާތް، މައްސަލަ ބަލާ މަޖިލީހަށް، މަޤްބޫލް ސަބަބަކާނުލައި، ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެމައްސަލައެއް އިދާރީ ގޮތުން ބާޠިލް ކުރުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބާޠިލް ކުރާ މައްސަލައެއް އަލުން ބަލައިގަނެވޭނީ 500.00 (ފަސްސަތޭކަ) ރުފިޔާގެ ފީއަކާއެކުއެވެ.
  • ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ލިޔުމުން އެކަން ޓްރައިބިއުނަލަށް އަންގައި، މައްސަލަ އަނބުރާ ގެންދެވިދާނެއެވެ.

 • ↩ ޓްރައިބިއުނަލަށް ޙާޟިރުވުން
  • ޓްރައިބިއުނަލަށް ޙާޟިރުވުމަށް އަންގާ އަމުރު ލިބޭ ކޮންމެ ފަރާތަކުން އެ އަމުރުގައި ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް ޓްރައިބިއުނަލަށް ޙާޟިރުވާންވާނެއެވެ.
  • ޓްރައިބިއުނަލަށް ޙާޟިރުވުމަށް މައްސަލަ ރައްދުވާފަރާތަށް އަމުރު ފޮނުވުމުން، އެއަމުރާ ޙަވާލުނުވެއްޖެނަމަ ނުވަތަ އަމުރު ލިބި، މަޤުބޫލު އުޒުރެއްނެތި ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެފަރާތުގެ ޣައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މައްސަލަ ހުށަހެޅިފަރާތަށް އަމުރު ފޮނުވުމުން، އެއަމުރާ ޙަވާލުނުވެއްޖެނަމަ ނުވަތަ އަމުރު ލިބި، މަޤުބޫލު އުޒުރެއްނެތި ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެމައްސަލައެއް އިދާރީ ގޮތުން ބާޠިލު ކުރުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
  • ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަޤުބޫލު ޢުޛުރެއް ދިމާވެގެން ޓްރައިބިއުނަލަށް ޙާޟިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.

 • ↩ އަމުރު ރައްދުކުރުން
  • ޓްރައިބިއުނަލަށް ޙާޟިރުވާންޖެހޭ ފަރާތަށް ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު އެމީހަކާ ޙަވާލުކުރުމުން، އަމުރާ ޙަވާލުވި ފަރާތުން އަމުރު ރައްދުވި ކަމުގެ ސޮއިކުރަންވާނެއެވެ.
  • ޓްރައިބިއުނަލަށް ހާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ، ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚްޞެއް ނުވަތަ އެހެންވެސް މުއައްސަސާއެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.
  • ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ބަދަލުވި އެޑްރެސް އެނގޭގޮތަށް، ޓްރައިބިއުނަލަށް އެކަން ލިޔުމަކުން އަންގަންވާނެއެވ

 • ↩ މައްސަލައިގެ ހެކިން
  • މައްސަލަ ބަލާ މަޖިލީހަށް ހެކީން ހާޒިރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް އެދެވިދާނެއެވެ. މިގޮތުން ހާޒިރުކޮށްދޭން އެދޭ ހެކިންގެ ފުރިހަމަ މަޢްލޫމާތު އެ ހެއްކަކު ހާޒިރުކޮށްދިނުމަށް އެދޭ ފަރާތަކުން ޓްރައިބިއުނަލަށް ދޭންވާނެއެވެ.
  • ހެކިން ހާޒިރުކުރުމަށް ޚަރަދެއް ކުރަންޖެހިއްޖެނަމަ އެ ޚަރަދެއް ކުރަންޖެހޭނީ ހެކިން ހާޒިރުކުރަން އެދޭ ފަރާތުންނެވެ

 • ↩ މައްސަލަ ބަލާ މަޖިލީސް
  • ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރެއް ނުވަތަ އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް އެކުލަވައިލާ، މައްސަލަ ބަލާ މަޖިލީހަކުންނެވެ.
  • މައްސަލަބަލާ މަޖިލީހުގެ އަޑުއެހުން ބާއްވާނެ ތާރީޚާއި ގަޑި ކަނޑައަޅާނީ، މައްސަލަ ބަލާ މެންބަރު ނުވަތަ މައްސަލަބަލާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.
  • މައްސަލަ ބަލާ މަޖިލިސް ޢާންމުކޮށް ބާއްވަންވާނީ ހުޅުވާލެވިފައިވާ މަޖިލީހެއްގެ ގޮތުގައެވެ.

 • ↩ ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް
  • ޓްރައިބިއުނަލުގައި މައްސަލަ ބަލައި، ވާހަކަ ދައްކާނީ ދިވެހި ބަހުންނެވެ. މިނޫން އެހެން ބަހެއްގެ އަހުލުވެރިއަކު، ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާނަމަ ނުވަތަ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތްކަމުގައިވާނަމަ، ތަރުޖަމާކުރުމުގެ ކަންތައްތައް ހަމަޖައްސާނީ އެފަރާތަކުންނެވެ. އަދި މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ، ޓްރައިބިއުނަލުން ޤަބޫލުކުރާ ފަރާތަކަށްވާންވާނެއެވެ.

 • ↩ އިސްތިއުނާފްކުރުން
  • ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްޓަކައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ