މައްސަލަ ބެލުމުގައި އަމަލުކުރާ އުސޫލުތައް


ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް
۞ އެއްވެސް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ، ނުވަތަ ބަލައި ނިމިފައިވާ މައްސަލައެއް ޓްރައިބިއުނަލް އިން ބަލައެއްނުގަނެވޭނެއެވެ.
۞ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ، ޓްރައިބިއުނަލުން އެކަމަކަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
۞ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމުގެ 3 ކޮޕީއާއި، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 ކޮޕީއާއި، ހެއްކާ ޤަރީނާ ހުށަހަޅަން ވާނެއެވެ.
۞ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ އެއް ޙަޤީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލައެއްކަމަށް ވާނަމަ، އެއްފަރާތަށްވުރެ ގިނަފަރާތްތަކުންވެސް އެއް ފޯމަކުން މައްސަލަ ހުށަހެޅިދާނެއެވެ.

ދެފަރާތުން ސުލްހަވުން
۞ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް އެދިއްޖެނަމަ، ޓްރައިބިއުނަލުން އެ މައްސަލަ ބެލުން ވަގުތީ ގޮތުން ހުއްޓާލާ ޓްރައިބިއުނަލްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މައްސަލަ ހައްލުކުރުމަށް ފުރުސަތުދެވޭނެއެވެ.

މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދިނުން
۞ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަށް، މައްސަލަ ރައްދުވާ ފަރާތުން ޖަވާބު ދޭންވާނީ އެކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ ފޯމުންނެވެ.

ވަގުތީ އަމުރު
۞ ޓްރައިބިއުނަލުން މައްސަލަ ބަލަމުންދާއިރު، ވަގުތީ ޢަމުރެއް ނެރެން ޖެހިއްޖެކަމަށް ފެނިއްޖެނަމަ އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތަށް ލިބިގެންވެއެވެ. ވަގުތީ ޢަމުރެއް ނެރޭނީ، އެ ޢަމުރެއް ނުނެރިއްޖެނަމަ ނިކުމެދާނެ ނަތީޖާ އަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

މައްސަލަ ބާޠިލުކުރުން
۞ ޓްރައިބިއުނަލަށް މައްސަލަ ބަލައިގަތުމަށްފަހު، މައްސަލަ ހުށަހެޅިފަރާތް، މައްސަލަ ބަލާ މަޖިލީހަށް، މަޤްބޫލް ސަބަބަކާނުލައި، ވިދިވިދިގެން 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެމައްސަލައެއް އިދާރީ ގޮތުން ބާޠިލް ކުރުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބާޠިލް ކުރާ މައްސަލައެއް އަލުން ބަލައިގަނެވޭނީ 500.00 (ފަސްސަތޭކަ) ރުފިޔާގެ ފީއަކާއެކުއެވެ.
۞ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ލިޔުމުން އެކަން ޓްރައިބިއުނަލަށް އަންގައި، މައްސަލަ އަނބުރާ ގެންދެވިދާނެއެވެ.

ޓްރައިބިއުނަލަށް ޙާޟިރުވުން
۞ ޓްރައިބިއުނަލަށް ޙާޟިރުވުމަށް އަންގާ އަމުރު ލިބޭ ކޮންމެ ފަރާތަކުން އެ އަމުރުގައި ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް ޓްރައިބިއުނަލަށް ޙާޟިރުވާންވާނެއެވެ.
۞ ޓްރައިބިއުނަލަށް ޙާޟިރުވުމަށް މީހަކަށް އަމުރު ފޮނުވުމުން، އެއަމުރުގައި ނުހިފައިފިނަމަ ނުވަތަ އެއަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި ޙާޟިރުނުވެއްޖެނަމަ، އެމީހެއްގެ ޣައިރު ޙާޟިރުގައި، އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ޓްރިބިޔުނަލަށް ލިބިގެންވެއެވެ.
۞ ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަޤުބޫލު ޢުޛުރެއް ދިމާވެގެން ޓްރައިބިއުނަލަށް ޙާޟިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ޓްރައިބިއުނަލަށް އަންގަންވާނެއެވެ.
۞ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި، އަމުރުގައިވާ ތާރީޚާއި ގަޑިއަށް މައްސަލަ ރައްދުވާ ފަރާތް ޓްރައިބިއުނަލަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާންކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ޓްރައިބިއުނަލަށް ޙާޟިރުނުވެއްޖެނަމަ، ޓްރައިބިއުނަލަށް ޙާޟިރުވުމަށް އެންގުނުކަމަށް ބަލައި، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހެއްގެ ޣައިރު ޙާޟިރުގައި ޓްރައިބިއުނަލުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

އަމުރު ރައްދުކުރުން
۞ ޓްރައިބިއުނަލަށް ޙާޟިރުވާންޖެހޭ ފަރާތަށް ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު އެމީހަކާ ޙަވާލުކުރުމުން، އަމުރާ ޙަވާލުވި ފަރާތުން އަމުރު ރައްދުވި ކަމުގެ ސޮއިކުރަންވާނެއެވެ.
۞ ޓްރައިބިއުނަލަށް ހާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ، ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚްޞެއް ނުވަތަ އެހެންވެސް މުއައްސަސާއެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުވީކަމަށް ބެލެވޭނެއެވެ.
۞ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ބަދަލުވި އެޑްރެސް އެނގޭގޮތަށް، ޓްރައިބިއުނަލަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.

މައްސަލައިގެ ހެކިން
۞ މައްސަލަ ބަލާ މަޖިލީހަށް ހެކީން ހާޒިރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް އެދެވިދާނެއެވެ. މިގޮތުން ހާޒިރުކޮށްދޭން އެދޭ ހެކިންގެ ފުރިހަމަ މަޢްލޫމާތު އެ ހެއްކަކު ހާޒިރުކޮށްދިނުމަށް އެދޭ ފަރާތަކުން ޓްރައިބިއުނަލަށް ދޭންވާނެއެވެ.
۞ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ މަޞްލަޙަތެއް ހިމެނޭ ފަރާތަކުން، އޭނާގެ މަޞްލަޙަތު އޮތް ގޮތެއް ބަޔާންކޮށް، މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުމަށްފަހު، މައްސަލަ ބަލާ މަޖިލީހުގެ ރައީސްގެ ހުއްދައާއެކު މައްސަލައިގައި ބައިވެރިވެ، މައްސަލައާ ގުޅިގެން ދައްކަން ބޭނުން ވާހަކައެއް ދެއްކިދާނެއެވެ.

މައްސަލަ ބަލާ މަޖިލީސް
۞ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ، ޓްރައިބިއުނަލުގެ އޮނަހިރި ޢަދަދެއްގެ މެންބަރުން ހިމެނޭ ގޮތުން، ޓްރައިބިއުނަލުގެ ރައީސް އެކުލަވާލާ މައްސަލަ ބަލާ މަޖިލީހަކުންނެވެ. މިގޮތުން އެކުލަވާލާ މައްސަލަ ބަލާ ކޮންމެ މަޖިލީހެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރެއް، ކަނޑައަޅުއްވާނީ ޓްރައިބިއުނަލްގެ ރައީސް އެވެ.
۞ މައްސަލަބަލާ މަޖިލީހުގެ އަޑުއެހުން ބާއްވާނެ ތާރީޚާއި ގަޑި ކަނޑައަޅާނީ، މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.
۞ މައްސަލަ ބަލާ މަޖިލިސް ޢާންމުކޮށް ބާއްވަންވާނީ ހުޅުވާލެވިފައިވާ މަޖިލީހެއްގެ ގޮތުގައެވެ.

ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް
۞ ޓްރައިބިއުނަލުގައި މައްސަލަ ބަލައި، ވާހަކަ ދައްކާނީ ދިވެހި ބަހުންނެވެ. މިނޫން އެހެން ބަހެއްގެ އަހުލުވެރިއަކު، ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާނަމަ ނުވަތަ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތްކަމުގައިވާނަމަ، ތަރުޖަމާކުރުމުގެ ކަންތައްތައް ހަމަޖައްސާނީ އެފަރާތަކުންނެވެ. އަދި މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ، ޓްރައިބިއުނަލުން ޤަބޫލުކުރާ ފަރާތަކަށްވާންވާނެއެވެ.

އިސްތިއުނާފްކުރުން
۞ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅިދާނެއެވެ.


All rights reserved by Employment Tribunal Maldives, 2009

ވަޒީފާއާއިބެހޭ ޓްރައިބިއުނަލް، ފަތުރުވެހި 3 ވަނަ ފަންގިފިލާ، މާލެ، ޓެލެފޯން:3308773/3307701 ފެކްސް:3308774 އީ-މެއިލް:info@employmenttribunal.gov.mv