ތަޢާރަފް


ޓްރަބިއުނަލްގެ މަޤްސަދުތައް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާއި ދެމެދު އުފެދޭ ޤާނޫނީ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ޚަރަދު ކުޑަކޮށް އަދި ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

ޓްރައިބިއުނަލުގެ އިޙްތިޞާޞް
ވަޒީފާއާބެހޭ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބަލައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން ޓްރައިބިއުނަލުން ބެލިދާނެ މައްސަލަތަކުގެ ތެރޭގައި ތިރީގައިވާ ބާވަތްތަކުގެ މައްސަލަތައް ހިމެނެއެވެ.

۞ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުޞޫލުތަކާ ޚިލާފުވާކަމަށް ހުށަހެޅޭ މައްސަލަތައް
۞ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ބުނެ ވަޒީފާ އަދާކުރި މީހާ ހުށަހަޅާ މައްސަލަތައް
۞ މުވައްޒަފަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުދޭކަމަށް ބުނެ ހުށަހަޅާ މައްސަލަ
۞ ވަޒީފާގެ އެއްބަސްވުމާ ޚިލާފުވާކަމަށް ހުށަހެޅޭ މައްސަލަ
۞ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން މިނިސްޓަރަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން، އެނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަ
۞ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާބެހޭގޮތުން ހުށަހެޅޭ މައްސަލަ
۞ ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަ
۞ މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް، ނުވަތަ ޞިއްޙަތާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށްޓަކައި، ތަނުގައި ބޭނުންކުރާ މެޝިނަރީއަށް ނުވަތަ މެޝިނަރީ އަތުރާފައިވާ ގޮތަށް ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބަދަލު ގެނައުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ
۞ މަސައްކަތްކުރާ މީހުންގެ ޞިއްޙަތަށް ނުވަތަ ފުރާނައަށް ޔަޤީނުންވެސް ނުރައްކަލެއް ދިމާވެދާނެކަމަށް ޤަބޫލުކުރެވޭ ދަނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖހިގެން ހުށަހަޅާ މައްސަލަ
۞ މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމުން އެޅިފިޔަވަޅަކީ އެކަށީގެން ނުވާ ފިޔަވަޅެއްކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފު ދެކިގެން ހުށަހަޅާ މައްސަލަ
۞ ޓްރައިބިއުނަލުން ބަލަންޖެހޭކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ މައްސަލައެއް

މިގޮތުން ޓްރައިބިއުނަލްއިން ބަލާނީ ވަޒީފާއިން ވަކިކުރުމާ ވިދިގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރި ތާރީޙުން ފެށިގެން ތިންމަސް ދުވަސް ހަމަނުވާ މައްސަލަތަކެވެ. އަދި ވަޒީފާ ހަމަޖައްސަދޭ އޭޖެންސީއަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާ އަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން 60 ދުވަސް ހަމަނުވާ މައްސަލަތަކެވެ.

މިގޮތުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތައް ޓްރައިބިއުނަލުން ބަލާނީ ވަޒީފާއާއި ބެހޭ ޤާނޫނަށް އަމަލު ކުރަން ފެށުނު ތާރީޙް 9 ޖުލައި 2008 ގެ ފަހުން ހިގާފައިވާ ވަޒީފާއާއި ބެހޭ މައްސަލަތަކެވެ.


All rights reserved by Employment Tribunal Maldives, 2009

ވަޒީފާއާއިބެހޭ ޓްރައިބިއުނަލް، ފަތުރުވެހި 3 ވަނަ ފަންގިފިލާ، މާލެ، ޓެލެފޯން:3308773/3307701 ފެކްސް:3308774 އީ-މެއިލް:info@employmenttribunal.gov.mv